Last Updated: May 7, 15:03
Tuesday, May 7, 2024
ޚަބަރު މަސްތުވާ ތަކެތި

149 ކިލޯ ޑްރަގްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ފޮޓޯ: ފުލުހުން

ފަޅުރަށެއް ކަމަށްވާ ގދ. ހުޅުވާރުލުން 2019 ވަނަ އަހަރު އަތުލައިގަތް 149 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ ދައުވާކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދައުވާ ކޮށްފައިވާކަމަށް ބުނެ އެވެ.

މި މައްސަލައިގައި މީގެ ކުރިން ކްރިމިނަލް ކޯޓުގައި ދައުވާ ކުރި އިރު، އިބްތިދާއީ މަރުހަލާގައި އިޖުރާއީ ނުކުތާއެއް ނަގާ އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނުމުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. އަދި ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެއް ނުވެ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު ފަސްވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި ތަކެތި ފުލުހުން 2019 ވަނަ އަހަރު އަތުލައިގެންފައި ވަނީ އެ ރަށުގައި ވަޅުލާފައި ހުއްޓަ އެވެ.