ޓެކްސްގެ ގޮތުގައި ދައުލަތައް އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ކޯޓަށް ވައްދާފައި ހުރި މައްސަލަތަކުން މިހާތަނަށް 26 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުލިބިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކޯޓަށް ވައްދާފައި ހުރި މައްސަލަތަކުން ޑޮލަރުން އެކަނިވެސް 26.7 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހެ އެވެ.
މީރާގެ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއިން ކޯޓަށް ވައްދާފައިހުރި މައްސަލަތަކުން ދިވެހި ރުފިޔާއިން ދައުލަތައް ލިބެންޖެހޭ ފައިސާގެ މިންވަރު އުޅެނީ، 42.5 މިލިއަން ރުފިޔާގަ އެވެ.
އެކި ފަރާތްތަކުން ދައުލަތަށް ލިބެން ޖެހި ނުލިބިވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މީރާ އިން ކޯޓަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާ އިރު، އެންމެ ގިނަ ފައިސާ ލިބެން ޖެހެނީ ޓޫރިޒަމާ ގުޅުން ހުރި ވިޔަފާރިތަކުންކަން ފާހަގަކޮށްލެވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ ޓެކްސް ނުދައްކާ ދެ ރިސޯޓެއް ޓޫރިޒަމް މިނިސްޓްރީ އަށް ނެގުމަށް ވެސް ނިންމައިފަ އެވެ.
އެއީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު ހިންގާ ޔޮޓް ޓްއަސް މޯލްޑިވްސްގެ ދެ ރިސޯޓެކެވެ.