Last Updated: July 4, 10:24
Saturday, July 4, 2026
ޚަބަރު

ދައުލަތުން ވަކީލުން ފޯރުކޮށްދިނުމާބެހޭ ގަވާއިދަށް އަމަލުކުރަންފަށައިފި

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އާ ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.

މިގަވައިދަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވައިދެއްކަމަށް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެ އެވެ. އަދި ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ، އެކަމާބެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާނެކަމަށް އެ އޮފީހުން މައުލޫމާތުދީފައިވެ އެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތެއް މި ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ މި ގަވާއިދުގެ ފަސް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހެ އެވެ. އަދި ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތު ފުރިހަމަވާންޖެހޭނެއެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، އެ ކުއްޖާއަށް ވަކީލެއް ހަމަޖެއްސެން ނެތްނަމަ، މި ގަވާއިދުގެ ދަށުން ދައުލަތުގެ ފަރާތުން ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ގަވާއިދު މިހާރު އުވިފައިވާ ކަމަށެވެ.