ވިޝާލް ބަރަދްވާޖް އާ ފިލްމް "ހައިދަރު" ގެ ލީޑް ރޯލަށް ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރު ސޮއިކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަދި އެ ދެ ތަރިންގެ އިތުރުން މި ފިލްމްގެ މުހިއްމު ރޯލަަކަށް ތާބޫ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ހައިދަރު" އަކީ މަޝްހޫރު ލިއުންތެރިޔާ ޝޭކްސްޕިއާގެ "ހެމްލެޓް" އަސްލަކަށް ބަލައިގެން ވިޝާލް ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
މީގެ ކުރިން ވެސް ޝޭކްސްޕެއާގެ ވާހަކަަތައް އަސްލަކަށް ބަލައިގެން ވިޝާލް ވަނީ ކާމިޔާބް ފިލްމްތަކެއް ހަދައިފަ އެވެ.
އޭގެ ތެރޭގައި "އޮތެއްލޯ" އަށް ބިނާކޮށް ހެދި "އޯމްކާރާ" އާއި "މެކްބަތު" އަށް ބިނާކޮށް ހެދި "މަގުބޫލް" ހިމެނެ އެވެ.
ޝާހިދާއި ތާބޫ މީގެ ކުރިން ވަނީ ވިޝާލް އާ އެކު މަސައްކަތްކޮށްފަ އެވެ. އެގޮތުން ވިޝާލްގެ "ކަމީނޭ" ގައި ޝާހިދު ލީޑް ރޯލް ކުޅެފައިވާ އިރު، "މަގްބޫލް" ގެ ބަތަލާއަކީ ތާބޫ އެވެ.
އެހެން ނަމަވެސް މިއީ "އާޝިގީ 2" އިން ބޮޑު ކާމިޔާބީއެއް ހޯދި ޝްރަދާ ވިޝާލް އާ އެކު މަސައްކަތް ކުރާ ފުރަތަމަ ފަހަރަވެެ.
"ހައިދަރު" ގެ މަންޒަރުތައް ކަޝްމީރު ނަގަން ހަމަޖެހިފައިވާ އިރު، މި ފިލްމްގެ މިއުޒިކް ތައްޔާރު ކުރަނީ ވިޝާލްގެ އެހެން ފިލްމްތަކެކޭ ވެސް އެއްގޮތަށް އޭނާ އެވެ. އަދި ފިލްމްގެ ލަވަތައް ލިޔެ ދެނީ ގުލްޒާރެވެ.
ވިޝާލް އެންމެ ފަހުން ޑައިރެކްޓް ކުރި އިމްރާން ހާނާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުުޅުނު "މަތުރު ކީ ބިޖިލީ ކާ މަންޑޯލާ" އަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.