Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

ޓުޓުކޮރިން އައްޑޫ ފެރީ: ވިޔަފާރިވެރިންގެ ގެނައި މުދާ 60 ޕަސެންޓު އިތުރު

އިންޑިއާގެ ޓުޓުކޮރިންގ އާއި އައްޑޫ އާއި ދެމެދު ކުރާ ކާގޯ ދަތުރުތަކަށް ވިޔަފާރިވެރިންގެ ތަރްހީބު ލިބެނުން އަންނަ ކަމަށާއި މިފަހަރު ގެނައި ވިޔަފާރިވެރިންގެ މުދާ ފުރަތަމަ ދަތުރާ އަޅާ ބަލާއިރު 60 އިން ސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިފިންގ (އެމްއެސްއެސް)އިން ބުނެފިއެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސައީދު ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓުޓުކޮރިން- އައްޑޫ ކާގޯ ފެރީގެ ދެވަނަ ދަތުރަށް ވިޔަފާރިވެރިންގެ ތަރްހީބު ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރާ އަޅާ ބަލާއިރު 60 ޕަސެންޓު އިތުރަށް މުދާ އަރުވާފައިވާ ކަމަށެވެ.

މިފަހަރުވެސް އައްޑޫއަށް ގިނައިން ގެނެސްފައިވަނީ ތަރުކާރީ އާއި މޭވާ އަދި ކުކުޅު ބިހާއި ފިނިކުރި ކާބޯތަކެތި ހިމެނެއެވެ.

ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ފެށި މި ދަތުރުތައް ކޮންމެ 20 ދުވަހަކުން ބޭއްވުމަށް އެމްއެސްއެސްއިން ވަނީ ނިންމާފައެވެ.

ޓުޓުކޮރިން- އައްޑޫ އާއި ދެމެދު ކާގޯ އުފުލަށް ބޭނުން ކުރަމުން އަންނަނީ 3700 މެޓްރިކް ޓަނުގެ "ބޮންތި 2 " ބޯޓެވެ.