ސ. ހިތަދޫގައި ހުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ކުރީގެ މީޑިއާ ސެންޓަރުގައި ހުރި ރީ ޓްރާންސްމިޓިން އިކްޕްމަންޓްސް ބަަލަހައްޓާނެ ފަރާތެއްް ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
މި މަސައްކަތަށް މީހަކު ހޯދަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުސާރައަަކީ މަހަކު 2،000ރ. އެވެ.
ކައުންސިިލުން ބުނީ ރީ ޓްރާންސްމިޓިން އިކްޕްމަންޓްސް ބަަލަހައްޓާ މީހެއްގެ ޒިންމާއަކީ ކޮންމެ ދުވަހަކު 2 ފަހަރު (ހެނދުނު، ހަވީރު) ރީ ޓްރާންސްމީޓިން އިކްޕްމަންޓް ރަނގަޅުތޯ ބަލައި ޗެކް ކުރުމަށް ފަހު އެ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން، އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް އެމްބީސީގެ ޓީވީއެމް ގެ އިންޖިނިއަރިން އަށް އެސްއެމްއެސް މެދުވެރިކޮށް އެންގުން ކަމަށެވެ.
އަދި ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރު ރީޑިން ނަގައި ފޯމް ފުރިހަމަ ކުރުމާއި ހަފްތާއަކު އެއް ފަހަރު (ކޮންމެ ބުރާސްފަތި ދުވަހަކު) މި ފޯމް ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް އެމްބީސީ ގެ ޓީވީއެމް ގެ އިންޖިނިއަރިން އަށް ފޮނުވަން ޖެހެ އެވެ.
މީގެ އިތުރުން ރަށުގެ ޖަނެރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތަށް ޚާއްޞަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރު އޮފް ވެފައިވޭތޯ ބަލައި ޗެކް ކުރުމާއި އޮފްވެފައިވާ ނަމަ ޓްރާންސްމީޓަރު އޮން ކުރުމާއި އިރުއިރު ކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ ކަރަންޓް ފެއިލްވާ ނަމަ އެމްބީސީގެ ޓީވީއެމް އިންޖިނިއަރިން ޑިޕާޓްމަންޓަށް ލަސްނުކޮށް އެންގުމެވެ.
އަދި މި މަސަައްކަތާ ހަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއް ފަހަރު ހުރިހާ އިކްޕްމަންޓެއް ފޮހެ ސާފުކޮށް ތަނުގެ އެތެރެ ފޮޅާ ސާފު ކުރަން ޖެހެ އެވެ. އަދި ދުވާލަކު އެއް ފަހަރު ޑިޝް އެންޓަނާގެ ޙާލަތު ޗެކް ކުރަން ޖެހޭނެ އެވެ.
ޑިޝް އެންޓަނާ ކައިރީގައި އެމްބީސީގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރި ނަމަ ކަނޑާ ސާފު ކުރަން ޖެހެ އެވެ. އަދި މަހަކު އެއް ފަހަރު ޓަވަރުގެ ޙާލަތު ބަލާ ޗެކް ކުރުމަށްފަހު އެމްބީސީ ޓީވީއެމްގެ އިންޖިނިއަރިން އަށް ރިޕޯޓް ފޮނުވަން ޖެހެ އެވެ.
ޑިޝް އެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުންދާ ނަމަ އެކަން ލަސް ނުކޮށް އެމްބީސީ އިންޖިނިއަރިން އިން މިކަމާ ޙަވާލު ވެގެން ތިބޭ ފަރާތްތަކަށް ވެސް އަންގަން ޖެހެ އެވެ. އަދި އެމްބީސީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރު ކަހައި ސާފުކޮށް އެތަންތަނުގައި ދަވާދު ލައި ބަލަހައްޓަން ޖެހެ އެވެ.
މިކަމަށް ބޭނުންވާ ތަކެތި އެމްބީސީގެ ޓީވީއެމް ގެ އިންޖިނިއަރިން ޑިޕާޓްމަންޓުން މިކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކާ ގުޅައިގެން ހޯދަން ވެސް ޖެހެ އެވެ.
މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު 2:00 ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ހިތަދޫގައި ހުރި މީޑިއާ ސެންޓަރަކީ ކުރިން ވަރަށް ރަނގަޅަށް ގިނަ އަދަދެއްގެ މުވައްޒަފުންނާ ވެސް އެކު ހިންގަމުން ދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުވާލާފައިވާ ތަނެެކެވެ.
އޭގެ ފަހުން އެތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ކޭބަލް ޓީވީގެ ހިދުމަތްދޭ އައިލެންޑް ޓީވީ ވެސް ހިންގަމުން ދަނީ މީޑިއާ ސެންޓަރު ހިންގި އިމާރާތުގަ އެވެ.