Last Updated: March 29, 10:16
Friday, March 29, 2024
ކުޅިވަރު

ސިޓީ ލީގުގެ ތިންވަނަ އަށް

ބްރައިޓަންގެ މައްޗަށް 1-0 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ ތިންވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

މި މޮޅާއެކު ސިޓީ ލީގުގެ ތިންވަނައިގައި އޮތީ 32 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 33 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު 36 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެޓީމަށް މެޗުގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. މިއީ މި ސީޒަނުގައި ފޮޑެން ކާމިޔާބުކުރި 8 ވަނަ ގޯލު ކަމަށްވާއިރު އޭނާ އަކީ މި ސީޒަނުގެ ސިޓީގެ ޓޮޕް ގޯލް ސްކޯރާއެވެ.

މި ގޯލަށްފަހު ދެވަނަ ހާފްގައި ވެސް ސިޓީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެގޮތުން މަހްރޭޒް ފޮނުވާލި ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ބަނާޑޯ ސިލްވާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އަދި މެޗުގެ ފަހު ވަގުތު ސިޓީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރަހީމް ސްޓާލިން ފޮނުވާލު ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ.

ލީގުގައި ރޭ ޓޮޓެންހަމް އާއި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.