Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ދެވަނަ ޑިވިޝަނުގެ ކިއެލް އިން ބަޔާން ކަޓުވާލައިފި

ޖަރުމަނުގެ ދެވަނަ ޑިވިޝަނުގެ ހޯލްސްޓެއިން ކިއެލް އިން މިވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ބަޔާން މިއުނިކު ޕެނަލްޓީގައި 6-5 އިން ބަލިކޮށް އެ ޓީމު ޖަރުމަނު ކަޕުން ކަޓުވާލައިފި އެވެ.

މި ދެ ޓީމު ރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އޮތީ 2-2 އިން އެއްވަރުވެފައެވެ.

އެގޮތުން ރޭގެ މެޗުގެ 14 ވަނަ މިނެޓްގައި ސާޖް ގްނެބްރީ ވަނީ ބަޔާން އަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 37 ވަނަ މިނެޓްގައި ބާޓެލްސް ވަނީ ކިއެލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ބަޔާން އިންނެވެ. އެގޮތުން މެޗުގެ 47 ވަނަ މިނެޓްގައި މި ގޯލު ބަޔާން އަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ.

މި ގޯލާއެކު ބަޔާން މެޗުން މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ފަހު މިނެޓްގައި ވާލް ވަނީ ކިއެލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެއާއެކު ނަތީޖާ ނެރުމަށް 15 މިނެޓްގެ ދެ ހާފް ކުޅުނުއިރު، އެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

އެއާއެކު ދެން ނަތީޖާ ނެރުނީ ޕެނަލްޓީން ކަމަށްވާއިރު ޕެނަލްޓީގައި ބަޔާން އަށް ކާމިޔާބު ނުކުރެވުނީ މާކޯ ރޮކާ ޖެހި ޕެނަލްޓީންނެވެ. ބަޔާން ބަލިކޮށް ތާރީހީ މޮޅެއް ކިއެލް އަށް ކަށަވަރުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބާޓެލްސްއެވެ.

މިއީ 2000 ވަނަ އަހަރަށްފަހު މުބާރާތުގެ ގަދަ 16 އަށް ދަތުރުނުކޮށް ބަޔާން މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.