2-1 އިން ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ސްޕެނިޝް ސުޕަރ ކަޕްގެ ފައިނަލަށް އެތްލެޓިކް ބިލްބާއޯ ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު މި މެޗުގެ 18 ވަނަ މިނެޓްގައި ރައުލް ގާސިއާ ވަނީ ބިލްބާއޯ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ބިލްބާއޯގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ގާސިޔާ އެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބިލްބާއޯ އިން ނިންމާލިއިރު، ދެވަނަ ހާފްގައި ރެއާލް އިން ދިޔައީ ބިލްބާއޯގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ވަނީ ރެއާލް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ރެއާލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް އެޓީމަށް ވަނީ ނުވެފައެވެ. މުބާރާތުން ރެއާލް ކެޓިއިރު އެޓީމަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.
މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ބިލްބާއޯ ނިކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.