ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ހުރަސް އަޅައި، ރާއްޖެ އަނދަވަޅަކަށް ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، ސަރުކާރުން ބަދަލުކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ވެރިކަން ހަވާލު ކުރަން ހުރިހާ ރައްޔިތުން މާލެ އެރުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އަންނަ މަހުގެ 10 ގެ ކުރިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ރައްޔިތުން މާލެ އަރައި ސަރުކާރު ބަދަލު ކުރަން ގޮވާލައިފަ އެވެ.
އަދި އިލެކްޝަން ކޮމިޝަނަށް ބިރު ދައްކައި، އެ ތަނުގެ މެމްބަރުންނަށް މަރުގެ އިންޒާރު ދީ، އިންތިހާބު ނުބާއްވައި ބަހަނާތައް ދައްކަމުންދާތީ އެކަމާ ދެކޮޅަށް ރައްޔިތުން މަގު މައްޗަށް ނިކުމެ އިހުތިޖާޖް ކުރަން ވެސް ވަނީ ގޮވާލައިފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މިހާރު ރާއްޖެ އަށް މުހިއްމީ އިންތިހާބެއް ބޭއްވުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ކުރަން ޖެހިފައި އޮތް ކަމަކީ އިންތިހާބުގެ ފުރަތަމަ ބުރުން ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތެއް ހޯދި ކެންޑިޑޭޓާ ވެރިކަން ހަވާލު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވެސް ވަނީ ވީހާ ވެސް ގިނަ ބަޔަކު މާލެ އެރުމަށް ގޮވާލައި އެކަމަށް ހިތްވަރު ދެއްވައިފަ އެވެ.
ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ނޮވެމްބަރު 11 ގައި މި ގައުުމުގައި ރައީސަކު ހުވާ ކުރުމުގެ ފުރުސަތު ނުދީ ނަމަ، ގަދަކަމުން ވެސް އެމްޑީޕީގެ ރިިޔާސީ ކެންޑިޑޭޓް ވެރިކަމުގެ ބާރުތަކާ ހަވާލު ކުރައްވާނެ ކަމަށެވެ.
ވެރިކަން ބަދަލު ކުރަން ކަމަށް ބުނެ ރައްޔިތުން މާލެ އައުމަށް އެމްޑީޕީން ގޮވާލި އިރު، އެމްޑީޕީގެ ހަމަ މިފަދަ ގޮވައިލުމަަކަށް ނޮވެމްބަރު 6، 2006 ގައި އައްޑޫން މާލެ ދާން "ނަމޫނާ" ދޯނީގައި ފުރި ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލައިފަ އެވެ.
އޭގެ ތެރެއިން 2007 ގައި ހުކުމް ކުރި އެމްޑީޕީ އައްޑޫ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސޮބްރީގެ މައްޗަށް އިއްވާފައިވާ އެއް މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ ވަނީ ރޭ މާލެ ފުރުވާލައިފަ އެވެ.