Last Updated: April 18, 11:00
Thursday, April 18, 2024
ޚަބަރު

އައްޑޫ ސިޓީގެ މިއަހަރުގެ ބަޖެޓްގެ ޖުމުލަ 136 މިލިއަން ރުފިޔާއަށް

އައްޑޫ ސިޓީގެ މިއަހަރުގެ ބަޖެޓު ޖުމްލަ އަކީ 136,554,544.00 ރުފިޔާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ 2021 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓް, 7 ޖަނަވަރީ 2021 ގައި ފާސްކުރެވި، ވިޔަ މޮޑިއުލް އިން ޖަނަވަރީ 14 ވަނަ ދުވަހު މޭޔަރ އަބްދުﷲ ސޯދިގު އެޕްރޫވް ކުރައްވާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަހަރުގެ ބަޖެޓަކީވެސް ލާމަރުކަޒީ ގާނޫނުގެ 96 ވަނަ މާއްދާ ބަޔާން ކުރެވިފައިވާ ގޮތަށް ތައްޔާރު ކުރެވިފައިވާ ތިލަފަތް ހަމަ ބަޖެޓެއް ކަމަށެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓުގައި މުވައްޒަފުންނަށް ދެމުންދާ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ދިނުމުގެ ބަދަލުގައި މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމާއި، ދައުލަތުން ދޫކުރާ ގްރާންޓުގެ ގޮތުގައި ކައުންސިލަށް ލިބޭ އަދަދުގެ 5 ޕަސެންޓު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ދިނުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ބަޖެޓުގައި ހަރަކާތަތައް ކަނޑައެޅިފައި ނުވާ ކަންކަމަށް ހަރަދު ކުރާނީ އެކަމެއް ކައުންސިލަށް ހުށަހަޅައި ފާސްކޮށްގެން ކަމަށްވެސް ވަނީ ބަޖެޓު ފާސް ކުރި އިރު ނިންމާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން 2021 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 78،383،475 ރުފިޔާއެވެ. މީގެ ތެރޭގައި ކައުންސިލުން ދޭ ހިދްމަތްތަކުން ލިބޭ އާމްދަނީ އާއި ރަޖިސްޓްރޭޝަން އަދި ލައިސަންސް ފީގެ އިތުރުން ބިން ބިމާއި އިމާރާތްތަކުގެ ކުލީގެ ގޮތުގައި 21،949012 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ކައުންސިލުން ލަފާ ކޮށްފައިވާ ގޮތުން ދައުލަތުން ގްރާންޓުގެ ގޮތުގައި 59،375،505 މިލިއަން ރުފިޔާ ލިބޭނެއެވެ.