Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ގާޒީންނާއި ފުލުހުންނަށް ބިރު ދައްކާ މައްސަލަ ބަލަނީ

ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައި ޤާޒީންނަށް ބިރު ދައްކައި ޤާޒީންގެ އާއިލާތަކަށް ބިރުދެ އްކުމަށް ގޮވާލައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރު ދެއްކުމަށް ގޮވާލި މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބަލަން ފަށާފައި ވަނީ ރައްޔިތުންގެ މަޖިލިސްގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކައި ކޯޓުގެ ތަކުގެ ޤާޒީންނަށާއި ޤާޒީންގެ އާއިލާކަށް ބިރު ދެއްކުމަށް ގޮވާލި މައްސަލައެވެ.

އެމްޑީޕީން ހުކުރު ދުވަހު ސަލްސާ ރޯޔަލް ކައިރީ ކުރި މުޒާހަރާގައި އެ ޕާޓީގެ ޗެއަޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ފުލުހުންގެ އަނބިން ކައިރިއަށް ވަނުމަށް ގޮވާލައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރު ދެއްކުމަށް ގޮވާލި މައްސަލަ ވެސް ފުލުހުން ދަނީ ތަހުޤީޤު ކުރަމުން ކަމަަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހަމަ އެ ދުވަހުގެ މުޒާހިރާގައި ރައްޔިތުންގެ މަޖުލީސްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ފުލުހުންނަށް ޙަމަލާ ދިން މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުން ބަލަމުންދާ މަސައްލަތަކާއި ގުޅިގެން ހާޒިރު ކުރަން ޖެހޭ ކޮންމެ މީހަކު ހާޒިރު ކުރުމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށާއި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާ ކުރުމުގައި ފަސްނުޖެހި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ފުލުހުން ބުނެ އެވެ.