Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ރޫނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު އިންގްލޭންޑްގެ ތަރި، ވޭން ރޫނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 35 އަހަރުގައި ރޫނީ ކުޅުން ހުއްޓާލަން ނިންމުމަށްފަހު ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗުކަމުގެ މަގާމާއި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެފައެވެ. ފާއިތުވި ދުވަސްތަކުގައި ރޫނީ ވަނީ އެ ޓީމުގެ ވަގުތީ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.

2002 ވަނަ އަހަރު އެވަޓަން އިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށި ރޫނީގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ޔުނައިޓެޑްގައެވެ. އެގޮތުން ޔުނައިޓެޑްގައި ހޭދަކުރި 13 އަހަރު ދުވަހުގެ ތެރޭގައި ރޫނީ ވަނީ ޕްރިމިއާ ލީގު ފަސް ފަހަރު، އިނގިރޭސި ލީގު ކަޕް ތިން ފަހަރު އަދި އެފްއޭކަޕަކާއި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.

އަދި 253 ގޯލާއެކު ރޫނީ ވަނީ ޔުނައިޓެޑްގެ ތާރީހުގައި ވެސް އެޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އިނގިރޭސި ގައުމީ ޓީމާއެކު ރޫނީ އަށް ކާމިޔާބީތަކެއް ހޯދިފައި ނުވާއިރު 49 ގޯލާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް އޮތީ ރޫނީގެެ އަތުގައެވެ. ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.

ރޫނީ ކުޅުން ހުއްޓާލިއިރު އޭނާ އަކީ ޕްރިމިއާ ލީގުގެ ދެވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ 208 ގޯލެވެ.