Last Updated: May 16, 14:10
Thursday, May 16, 2024
ޚަބަރު ފޮރިން މިނިސްޓަރު

ނިކަރާގުއާއެކު ތިމާވެށިގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ނިކަރާގުއާގެ ފޮރިން މިނިސްޓަރު ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުންގުޅުއްވާ މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުގައި ބައިނަލްއަޤްވާމީ މަސްރަހުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިޤްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، އަރުވާފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

މީގެ އިތުރުން އދގެ ނިޒާމުގެ ތެރޭގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ޚާރިޖީ ވަޒީރުންވެސް އަރުވާފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.

ރާއްޖެއިން ނިކަރާގުއާއާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 11 މެއި 2010 ގައެވެ.