Last Updated: April 18, 18:36
Thursday, April 18, 2024
ޚަބަރު ސިޔާސީ

ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރަން ހަރުދަނާ ފިޔަވަޅު އަޅާފައި ނެތް: އިދިކޮޅު

އިދިކޮޅު ކޯލިޝަން--

ރަށްރަށުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅު އަޅާފައި ނެތް ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޯވިޑް 19 މާލެއިން ވަރަށް ބޮޑުތަނުން މަދުވެފައިވީނަމަވެސް އެވައިރަހުގެ އަސަރު ރާއްޖޭގެ އެހެނިހެން ރަށްރަށުން ފެންނަމުން ދާއިރު އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުގެ ފަރާތުން އަޅާފައި ނުވުމަކީ ހިތާމަ ކުރާކަމެއް ކަމަށެވެ.

ދެއްވަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ކަން ފާހަގަކޮށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނެރެފަިއވާ ބަޔާނުގައި ބުނެފައިވަނީ ގއ. ދެއްވަދޫއިން ކޯވިޑްގެ އަސަރު ފެނި، އެރަށުގައި އެ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު އެރަށުގެ ރައްޔިތުން މިވަގުތު ތިބީ ވަރަށް ބޮޑު ބިރުވެރިކަމަކާއި ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

"ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު، ރާއްޖޭގެ ކުދި އާބާދީތަކުން ކޯވިޑް 19 ފެނި ކޮންޓްރޯލް ނުވެ ދިއުމަކީ ދިވެހި ރައްޔިތުންގެ ހިތުގައި އެބަލި ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން ބޮޑުވެ ކަންބޮޑުވުން އިންތިހާއަށް އިތުރުވަމުންދާ މައްސަލައެކެވެ." އިދިކޮޅުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މި ބަޔާނުގައި ވަނީ ކުދި އާބާދީތަކުގައިވެސް ކޮވިޑްގެ އަސަރެއް ކިތަންމެ ކުޑަކޮށް ފެނުނުނަމަވެސް، އެތަނެއްގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އެޅުއްވުން އަވަސް ކުރެއްވުމަށާއި އަދި އެތަންތާގައިވެސް ކޯވިޑް އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަހަށް ޤާއިމުކޮށްދެއްވުމަށް ސަރުކާރަށް ގޮވާލާފަ އެވެ.