ޕްރިމިއާ ލީގުގައި ރޭ ޗެލްސީން މުހިއްމު މޮޅެއް ހޯދިއިރު ލެސްޓަ ސިޓީން ލީގުގެ ދެވަނަ މަގާމަށް އަރައިފިއެވެ.
ރޭގެ މޮޅާއެކު ލީގުގެ ދެވަނައިގައި ލެސްޓާ މިހާރު އޮތީ 35 ޕޮއިންޓާ އެކުއެވެ. އަދި ރޭގެ މޮޅާއެކު 29 ޕޮއިންޓާ އެކު ޗެލްސީ މިހާރު ވަނީ ލީގުގެ 7 ވަނަ އަށް ޖެހިލާފައެވެ.
ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުހޯދި އޮތް ޗެލްސީ ރޭ މޮޅުވީ ފުލަމްއާ ބައްދަލުކޮށް 1-0 އިންނެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ރެފްރީ ވަނީ ފުލަމްގެ ރޮބިންސަން އަށް ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޗެލްސީގެ އެޒްޕެލިކުއެޓާ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
10 ކުޅުންތެރިންނާއެކު ދެވަނަ ހާފް ކުޅެން ޖެހުނު ފުލަމް ކޮޅަށް ޗެލްސީން ޖެހި ހަމައެކަނި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓްއެވެ. މި ގޯލަށްފަހު ވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ލެސްޓާ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ސައުތްހެމްޓަންއާ ބައްދަލުކޮށް 2-0 އިންނެވެ. އެގޮތުން މި މެޗުގައި ލެސްޓާ އިން ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ މެޑިސަން އާއި ހާވީ ބާންސްއެވެ.
މިއީ ލީގުގައި އެންމެފަހުން ލެސްޓާ އިން ކުޅުނު ފަސް މެޗުގެ ތެރެއިން ހޯދި ތިންވަނަ މޮޅެވެ.