Last Updated: April 18, 22:36
Thursday, April 18, 2024
މުނިފޫހިފިލުވުން

އަކްޝޭގެ ފިލްމް "ސޫރްޔަވަންޝީ" ރިލީޒް ކުރަނީ

ކޮރޯނާގެ ސަބަބުން މުޅި ދުނިޔެ ކަންބޮޑުވެ ގިނަ ގައުމުތަކެއް ލޮކްޑައުންގެ ޙާލަތުގައި އޮތުމަށްފަހު މިހާރު ވަނީ އާންމު ޙާލަތަށް ރުޖޫޢަވާން ފަށާފައެވެ. އެގޮތުން ބޮލީވުޑްގެ ފިލްމްތައް ރިލީޒްކުރުން މެދު ކަނޑާލާފައި އޮތުމަށްފަހު ނޮވެމްބަރު 2020ގައި މިވަނީ އަލުން މި މަސައްކަތްތައް ފަށާފައެވެ.

މި ގޮތުން އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރު ކުރި ފިލްމެއް ކަމަށްވާ އަކްޝޭ ކުމާރްގެ "ސޫރްޔަވަންޝީ" ނިމި ރިލީޒް ކުރުން މަޑުޖައްސާލާފައި އޮތުމަށްފަހު މިހާރު ވަނީ މި ޖަނަވަރީ މަސް ނިމުމުގެ ކުރިން ރިލީޒް ކުރުމަށް ތައްޔާރުވާން ފަށާފައެވެ. މި ފިލްމު ވެގެންދާނީ ލޮކްޑައުން އަށްފަހު ރިލީޒް ކުރެވޭ އެންމެ ބޮޑު އެއް ފިލްމަށެވެ. މި ފިލްމްގެ ލީޑް ރޯލުން އަކްޝޭ ކުމާރް، ކެޓްރީނާ ކެއިފް، އަޖޭ ދޭވްގަން، އަދި ރަންވީރް ސިންގް ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރޯހިތް ޝެއްޓީއެވެ.

ބޮލީވުޑްގެ ބޮޑެތި ފިލްމްތައް ރިލީޒް ކުރުމުގައި އަބަދުވެސް އޯޑިއަންސްގެ ސަޕޯޓް ބޮޑުވާނެ ކަމަށް ލަފާވާ ދުވަސްވަރު ތަކަށް ޕްރޮޑިއުސަރުން އިންތިޒާރު ކުރެއެވެ. އެ ގޮތަށް ކަންތައް ކުރަނީ ބޮޑެތި ޚަރަދުތައް ކޮށްފައި އުފައްދާ ފިލްމްތަކަށް ސަޕޯޓް ނުލިބި ފްލޮޕްވެދާނެ ކަމުގެ ބިރު އޮންނާތީއެވެ.

ބޮލީވުޑްގެ ފިލްމްތައް ރިލީޒް ކުރުން މަޑުޖައްސާލާފައި އޮތް ނަމަވެސް އުތުރު އިންޑިއާގެ ފިލްމްތައް 2020ގައި ވެސް ދިޔައީ ތިއޭޓަރު ތަކުގައި އަޅުވަމުންނެވެ. އެ ޕްރޮޑިއުސަރުން ބުނާ ގޮތުގައި އެ ފިލްމްތަކަށް ލިބުނު ތަރުޙީބު ވަކި ކުޑައެއް ނޫނެވެ.