އައްޑޫ ސިޓީ ކައުންސިލުން މަރާމާތު ކުރަން އެދޭ މަގުތައް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ގާބިލްކަން ހުރި މިންވަރުން އަބަދު ވެސް ހަދައި ދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ލިންކް ރޯޑް މަރާމާތު ކުރުމާއި ގުޅޭގޮތުން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރޯޑް ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ ކައުންސިލުން ހަދަން ހުށަހަޅާ މަގުތައް އަބަދުވެސް ރޯޑް ކޯޕަރޭޝަނުން ހަދައިދޭނެ ކަމަށެވެ.
"ލިންކު ރޯޑު ބަލަހައްޓަނީ ކައުންސިލުން ، އެމަގު މަރާމާތު ކުރަން ބޭނުން ނަމަ ކައުންސިލުން އަޅުގަނޑުމެން ގާތު އެދޭނެ. އޭރުން އަޅުގަނޑުމެން ގޮސް އެމަގު މަރާމާތުކޮށް ދޭނަން. އަޅުގަނޑުމެންގެ ވަސީލަތް ހުރި މިންވަރަކުން." ނަޒީމް ވިދާޅުވިއެވެ.
ލިންކު ރޯޑުގެ އެކި ސަރަހައްދުތަކުން ތާރު ގަނޑު ނެއްޓި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން ދުއްވާ މީހުންނަށް ވަނީ ބޮޑު ތަކްލީފުތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ލިންކު ރޯޑު މަރާމާތު ކުރުމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ މަގު ހެދުމަށް ރޯޑް ކޯޕަރޭޝަނުގައި އެދިފައިވާ ކަމަށެވެ. އަދި މަގު ހަދައި ދެވޭނީ "މެދެއާރި" މަގުގައި ތާރު އަޅާ އިރު ކަމަށް ރޯޑް ކޯޕަރޭޝަނުން ބުނެފައިވާ ކަމަށެވެ.
ލިންކް ރޯޑުގެ ފޭދު އާ ވީ ފަޅީގެ ޕޭވްމަންޓްގެ ބައެއް ސަރަހައްދުތަކުން އަޑިން ފަސްގަނޑު ދަމައި ގަނެގެން އެ ސަރަހައްދުތަކުން ތާރުގަނޑު ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފަ އެވެ. އެހެންވެ އެ ސަރަހައްދުތަކަށް ބޮޑެތި މަރާމާތު ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ނަޒީހު ވިދާޅުވީ ލިންކް ރޯޑަށް ލިބިފައި ހުރި ގެއްލުންތައް ބެލުމަށް ފަހު ކައުންސިލުން އެދޭ ގޮތަށް މަގު މަރާމާތުކޮށް ދޭނެ ކަމަށެވެ.