ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ގެ އެވޯޑު ޙާޞިލްކޮށް ދެ ފުލުހަކު މަތީ ތަޢުލީމު ޙާޞިލް ކުރުމަށް ތުރުކީ އަށް ފުރައިފި އެވެ.
ތުރުކީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ސެކިއުރިޓީ ސައިންސަސްގެ ނެޝަނަލް ޕޮލިސް އެކަޑަމީން ދިވެހި ފުލުހުންނަށް ލިބުނު މަތީ ތަޢުލީމުގެ ފުރުޞަތުގެ ތެރެއިން ދެ ފުރުޞަތުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ އެވޯޑު ޙާޞިލްކޮށް ބެޗްލަ އޮފް ސެކިއުރިޓީޒް ސްޓަޑީޒް ހަދަން ތުރުކީ އަށް ފޮނުވާފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އާދަމް ވަޙީދު އާއި ޕޮލިސް ކޮންސްޓަބަލް ޢަބްދުލް ޙަމީދު އަޙްމަދު އެވެ.
މި ދެ ފުލުހުންގެ ތެރެއިން އާދަމް ވަޙީދު އަކީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 21 ވަނަ ބުރުން އެންމެ މޮޅު ފުލުހުގެ މަޤާމު ލިބި ކޮމިޝަނަރު އޮފް ޕޮލިސްގެ އެވޯޑު ޙާޞިލް ކުރި ފުލުހެވެ.
އަދި ޢަބްދުލް ޙަމީދު އަޙްމަދަކީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 22 ވަނަ ބުރުން އެންމެ މޮޅު ފުލުހުގެ މަޤާމު ލިބި ކޮމިޝަނަރ އޮފް ޕޮލިސްގެ އެވޯޑު ޙާޞިލްކުރި ފުލުހެވެ.
ތުރުކީގައި ހިންގާ ބެޗްލަރ އޮފް ސެކިއުރިޓީޒް ސްޓަޑީޒް ކޯހަކީ ފަސް އަހަރުގެ މުއްދަތަށް ހިންގާ ކޯހެކެވެ.
މި ކޯހުގެ ހުރިހާ ޚަރަދެއް ކުރަން ހަމަޖެހިފައި ވަނީ ތުރުކީ ޕޮލިސް އެކަޑަމީންނެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ އެވޯޑަކީ މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށް ފަހު ފުލުހުންގެ ތެރޭގައި އިޢުލާނު ކުރެއްވި އެވޯޑެކެވެ.
މިއެވޯޑު ދެއްވާނެކަން ރިޔާޒް އިޢުލާނު ކުރައްވާފައި ވަނީ މާޗް 13، 2012 ވަނަ ދުވަހު ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 20 ވަނަ ބުރުގެ ދަސްވެ ނިވުން ސަނަދު ދިނުމުގެ ރަސްމިއްޔާތު ގައެވެ.
މި ގޮތުން މި އެވޯޑު ދެއްވަން ހަމަޖައްސާފައި ވަނީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ކޮންމެ ބުރަކުން ހުރިހާ ގޮތަކުން އެންމެ މޮޅު ފުލުހެއްގެ މަޤާމު ޙާޞިލަކުރާ ފުލުހަކަށެވެ.
މި އެވޯޑު އެންމެ ފުރަތަމަ ލިބިފައި ވަނީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 20 ވަނަ ބުރުގެ އެންމެ މޮޅު ފުލުހަށެވެ.
މި މަޤާމު ލިބި އޭނާ ވަނީ މީގެ ކުރިން ރާއްޖޭން ބޭރުގައި ތަމްރީނު ހޯދުމުގެ ފުރުޞަތު ދީފަ އެވެ.