Last Updated: April 26, 20:10
Friday, April 26, 2024
ޚަބަރު

ފަރަށް އެރި ދޯންޏަކަށް އެމްއެންޑީއެފްއިން އެހީތެރިވަނީ

ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް އަރާފައިވާ ދޯންޏަކަށް އެހީތެރިވުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ އެންދަމަން އުޅުނު "ހިތްވަރު" ނަމަކަށް ކިޔާ މަސް ދޯންޏެއް ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު މިރޭ 8:12 ހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ނޯދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރޯންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ދޯނި ފަރަށް އެރިއިރު ދޯނީގައި 11 މީހުން ތިބި ކަމަށެވެ. މި ދޯންޏަކީ ރ. ދުވާފަރަށް ނިސްބަތްވާ ދޯންޏެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ހާދިސާގައި މީހަކަށް ގެއްލުންވި ކަމެއް އަދި ސާފެއް ނުވެއެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.