Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ސުޕަ ކަޕް ބިލްބާއޯ އަށް، މެސީ އަށް ރަތެއް

3-2 އިން ބާސެލޯނާ ބަލިކުރުމަށްފަހު ސްޕެނިޝް ސުޕަ ކަޕް އެތްލެޓިކް ބިލްބާއޯ އިން ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ގޯލު މެޗުގެ 40 ވަނަ މިނެޓްގައި އެންޓޮއިން ގްރިޒްމަން ވަނީ ބާސާ އަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން އޮސްކާ ޑެ މާކޮސް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ބާސާ އިންނެވެ. އެގޮތުން މެޗުގެ 77 ވަނަ މިނެޓްގައި މި ގޯލުވެސް ކާމިޔާބުކޮށްދިނީ ގްރިޒްމަންއެވެ. މި ގޯލާއެކު ބާސާ މޮޅުވާން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ވިޔަލިބްރޭ ވަނީ ބިލްބާއޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ކުރީކޮޅު އިނާކީ ވިލިއަމްސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ބިލްބާއޯ މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ގޯލާއެކު ބާސާ އިން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރަމުންދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކެޕްޓަން ލިއޮނަލް މެސީ އަށް ރަތްކާޑު ދެއްކުމުންނެވެ. މެސީ އަށް ރަތްކާޑު ދެއްކީ ބިލްބާއޯގެ ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ. މިއީ މެސީގެ ބާސާގެ ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތްކާޑެވެ.

މިއީ 1985 ވަނަ އަހަރަށްފަހު ބިލްބާއޯ އިން ކާމިޔާބުކުރި ފުރަތަމަ ތަށިކަން ފާހަގަކޮށްލެވެއެވެ.