Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޔުނައިޓެޑް-ލިވަޕޫލް އެއްވަރު، ސިޓީ ދެވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ކްރިސްޓަލް ޕެލެސްގެ މައްޗަށް 4-0 އިން ކުރި ހޯދައި ލީގުގެ ދެވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

މި ނަތީޖާތަކާއެކު ވެސް ލީގުގެ އެއްވަނައިގައި 37 ޕޮއިންޓާ އެކު އޮތީ ޔުނައިޓެޑެވެ. ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެ 35 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި ސިޓީ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން ތިންވަނައިގައި އޮތީ ލެސްޓަ ސިޓީއެވެ. ލިވަޕޫލް އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ޔުނައިޓެޑަށް ލިބިގެން ގޮސްފައެވެ. އެގޮތުން ޔުނައިޓެޑްގެ ބްރޫނޯ ފަނާންޑޭސް އާއި ޕޯލް ޕޮގްބާ ފޮނުވާލި ހަމަލާތައް ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލްގެ ކީޕަރު އެލިސަން އެވެ.

މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ލިވަޕޫލަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ސިޓީން ރޭ ޕެލެސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދިއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ރަނގަޅު ފޯމެއްގައި މިވަގުތު ހުރި އެޓީމުގެ ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. އަނެއް ދެ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގާން އާއި ރަހީމް ސްޓާލިން އެވެ.

ރޭގެ މެޗަކީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި ފަސްވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.