Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ޗެތަންގެ "ރިވޮލިއުޝަން 2020" ވެސް ސްކްރީނަށް

ޗެތަން އާއި އޭނާގެ ވާހަކަ "ރިވޮލިއުޝަން 2020" ގެ ކަވަރު

އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ ޗެތަން ބަގަތުގެ އެންމެ ފަހުގެ ވާހަކަ "ރިވޮލިއުޝަން 2020" އަށް ވެސް ފިލްމެއް ހަދަން ނިންމައފި އެވެ.

މި ފިލްމް ޕްރޮޑިއުސް ކުރަނީ ޑިސްނީ ޔޫޓީވީންނެވެ. އަދި ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ "ނޯ ވަން ކިލްޑް ޖެސިކާ" އާއި "ގަންޗައްކަރު" ގެ ޑައިރެކްޓަރު ރާޖް ކުމާރު ގްޕުތާ އެވެ.

ކުޑަ އިރުން ފެށިގެން އެކުގައި އުޅުނު ތިން ރަހުމަތްތެރިން ކަމަށްވާ ގޯޕާލް، ރަގަވް އަދި އާރްތީގެ މެދުގައި ހިނގާ އަސަރު ގަދަ އެހެނަސް ގޮންޖެހުންތަކުން ފުރިފައިވާ ލޯބީގެ ހާދިސާތަކެއް ކިޔައިދޭ "ރިވޮލިއުޝަން 2020" ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމުމާ ގުޅިގެން ޗެތަން ބުނީ މި ފިލްމްގެ ތިން ކެރެކްޓާ ސްކްރީނުން ބަލާލަން ކެތްމަދުވެފައިވާ ކަމަށެވެ.

ޑައިރެކްޓަރު ގުޕްތާ ބުނީ އޭނާ "ރިވޮލިއުޝަން 2020" ކިޔާލުމުން ހިތަށް ވަރަށް އަސަރު ކުރި ކަމަށާއި ފުރަތަމަ ފަހަރު ވެސް މި ވާހަކަ އަށް ފިލްމެއް ހަދަން ބޭނުންވި ކަމަށެވެ.

އެހެންވެ ސްކްރީންޕްލޭ ލިޔެ، ފިލްމް ޑައިރެކްޓް ކުރަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

ޑިސްނީ ޔޫޓީވީގެ މެނެޖިން ޑިރެކްޓަރު އަދި ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތް ރޯއި ކަޕޫރު ބުނީ ޗެތަން އާއު ގުޕްތާ އާ ގުޅިގެން ފިލްމެއް ހެދުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ރިވޮލިއުޝަން 2020" ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންނި ނަމަވެސް، މި ފިލްމްގެ ކާސްޓިން އަދި ހަމައެއް ނުޖައްސަ އެވެ.

ފިލްމްގެ ސްކްރީންޕްލޭ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފަށާާފައިވާ އިރު، ފިލްމްގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.

ޗެތަންގެ ވާހަކަތަކުގެ ތެރެއިން އެންމެ ފަހުން ފިލްމެއްގެ ގޮތުގައި ފެނިފައި ވަނީ އޭނާ ލިއުނު "3 މިސްޓޭކްސް އޮފް ލައިފް" އަށް ބިނާކޮށް އަބިޝެކް ކަޕޫރު ޑައިރެކްޓްކޮށް މި އަހަރު ރިލީޒް ކުރި "ކައި ޕޯ ޗޭ" އެވެ.

މީގެ ކުރިން ވެސް އޭނާގެ ވާހަކަތަކަށް ވަނީ ފިލްމްތައް ހަދައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އާމިރް ހާން ލީޑް ރޯލް ކުޅުނު "3 އިޑިއަޓްސް" އެވެ.

ބަގަތުގެ "2 ސްޓޭޓްސް" އަށް ވެސް މިހާރު އަންނަނީ ފިލްމެއް ހަދަމުންނެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅެނީ އަރްޖުން ކަޕޫރާއި އާލިއާ ބަޓެވެ.

އަދި އޭނާ ސްކްރީންޕްލޭ ލިޔެ ސަލްމާން ހާނާއި ޖެކޮލިން ފެނާންޑޭޒް ލީޑް ރޯލް ކުޅޭ "ކިކް" ގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާ އެވެ.