Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސްރީދޭވީގެ ހަނގު ދަރިފުޅު ޚުޝީ އޭނާގެ ފުރަތަމަ ފިލްމަށް ތައްޔާރުވަނީ

ބޮލީވުޑްގެ ރާނީއެއްގެ ލަޤަބު ލިބުނު މަޝްހޫރު ތަރި ސްރީދޭވީގެ ހަނގު ދަރިފުޅު ޚުޝީ ކަޕޫރް އޭނާގެ ފުރަތަމަ ފިލްމަށް ތައްޔާރުވެފައިވާ ކަމަށް އޭނާގެ ބައްޕަ ބޯނީ ކަޕޫރް ބުނެފިއެވެ.

ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހަން ފަށާފައިވާ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. ބޮލީވުޑަށް އަދި ވަދެފައިނުވި ނަމަވެސް ޚުޝީއަކީ ސޯޝަލް މީޑިއާގައި ފެޝަން ފޮޓޯތަކާއި ޕޯސްޓްތަކުން ގިނަ ބައެއްގެ ހިތް އަތުލަމުންދާ އަންހެން ކުއްޖެކެވެ.

ޖާންވީ ބުނެފައިވާ ގޮތުގައި ދާދި އަވަހަށް އޭނާގެ އަންހެން ކޮއްކޮ ބޮޑު އެނައުންސްމަންޓަކާއެކު ފިލްމެއް ފަށާނެއެވެ. ބޯނީ ކަޕޫރް ބުނެފައިވާ ގޮތުގައި ދާދި އަވަހަށް ބޮލީވުޑްގެ މަސައްކަތަށް ޚުޝީ އައި ނަމަވެސް އޭނާ ހުރީ ޚުޝީ ލޯންޗް ކުރާކަށް ނޫނެވެ. މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފައިވާ ގޮތުގައި ފިލްމް އުފައްދާ ފަރާތެއްގެ ހައިސިއްޔަތުން އަމިއްލަ ދަރިފުޅު ލޯންޗް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަމިއްލަ މަސައްކަތުން ގޮސް ކުރިއެރުން މާ ރަނގަޅު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ބޯނީ ކަޕޫރް ވަނީ އެގޮތުން އޭނާގެ އާއިލާއަށް ނިސްބަތްވާ ދެމީހެއް މިސާލަކަށް ނަގާފައެވެ. އަނިލް ކަޕޫރަކީ އަމިއްލަ މަސައްކަތުން ބޮލީވުޑަށް ވަދެ ކުރިއަރާފައިވާ ތަރިއެއް ކަމަށާއި އެހެން ނަމަވެސް 1995 ގައި ސަންޖޭ ކަޕޫރް ލޯންޗް ކޮށްފައިވަނީ ބޯނީ ކަމަށް ވެސް އޭނާ ބުންޏެވެ. ސަންޖޭ ކަޕޫރަކަށް އަނިލް ކަޕޫރަށް ލިބުނު ސަޕޯޓް ލިބިފައެއް ނުވެއެވެ. އެހެން އެކަންވީ އޭނާ ލޯންޗް ކުރުމުން ކަމަށް ޤަބޫލު ކުރާ ކަމަށް ވެސް ބޯނީ ބުނެފައިވެއެވެ.

ޚުޝީ ބޮލީވުޑަށް އަންނަ ވާހަކަ ވެގެންދާނީ އޭނާގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއް ކަމާމެދު ޝައްކެތްނެތެވެ. ދެން ކުރަންވީ އިންތިޒާރެވެ.