Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު ސިޔާސީ

ބޭނުންވާ ބަދަލު ގެންނަން މަދުވަނީ ކައުންސިލްތައް: ދޮންބިލެތް

މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބޭނުންވާ ބަދަލު ގެނައުމަށް މަދުވަނީ ކައުންސިލްތައް ކަމަށާއި، ކުރިއަށް އޮތް އިންތިހާބު ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމާއި އެކު އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތައް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ އެމްޑީޕީން ބޭނުންވާ ބަދަލު ގެނައުމަށް މިހާރު މަދުވަނީ ކައުންސިލްތައް އެކަނިކަމަށެވެ.

"އަދި އަޅުގަނޑުމެންނަކަށް މުޅިއަކުން ސެޓެއް ހަމައެއް ނުވޭ. ސެޓު ހަމަވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހާއި އޭގެއިތުރަށް ކައުންސިލްތަކުގެ އިންތިހާބު އަޅުގަނޑުމެނަށް ކާމިޔާބު ކުރެވުނީމަ. އެއާއި އެކީގަ އަޅުގަނޑުމެން ބޭނުންވާ ބަދަލު ގެންނަން މިހާރު މި މަދުވަނީ ކައުންސިލް." ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދިނުމުން ރައްޔިތުންނަށް އެނެއްދިވެހި ރާއްޖެ ފެންނާނެ ކަން އެ ރައްޔިތުންނަށް އެނގޭކަމަށެވެ. އަދި މިހާރު ވެސް އެ މަންޒަރު ފެންނަމުން އަންނަކަމަށާއި، ވަރަށް ގިނަ ރަށްރަށުގައި ޕްރޮޖެކްޓްތައް ހިންގަމުން އަންނަކަމަށް ހަލީމް ވިދާޅުވި އެވެ.