Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރުލުން ބާއްވައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގުރުލުން މިރޭ ބާއްވައިފިއެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވާއިރު ޓީމުތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ބޭރުމަތި އެފްސީ އާއި އެފްސީ އަފިރިން އާއި އެފްސީ ޒެފިޔާގެ އިތުރުން ފާހި ސްޕޯޓްސްއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީގެ އިތުރުން މެދުވަލު އެފްސީ އެވެ.

ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީއަށް ދަތުރުކުރާނެއިރު މި މުބާރާތުގެ ކުޅުން ފަށާނީ މި މަހުގެ 23 ގައެވެ.

އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބޭރުމަތި އާއި އެފްސީ އަފިރިންނެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ފަށާނީ ހަވީރު 4:00 ގައެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.