Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ ޖޯބައިޑެން

އެމެރިކާގެ ރައީސްކަމުގެ ހުވާ ބައިޑެން މިއަދު ކުރައްވަނީ

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޖޯ ބައިޑެން އަދި އެގައުމުގެ ނައިބު ރައީސްކަމުގެ ހުވާ ކަމަލާ ހެރިސް މިއަދު ކުރައްވާނެއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިޑެން އާއި ހެރިސް މިއަދު ހުވާ ކުރައްވާއިރު މި ރަސްމިއްޔާތު ފަށާނީ ރާއްޖެގަޑިން މިރޭ 9:00 ގައެވެ. މި ރަސްމިއްޔާތު ކުރިއަށްދާނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކުއެވެ.

މި ރަސްމިއްޔާތުގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މިއީ 1869 ވަނަ އަހަރަށްފަހު އެމެރިކާގެ އާ ރައީސަކު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސްކަމުން ވަކިވެވަޑައިގަންނަވާ ބޭފުޅަކު ވަޑައިނުގަންނަވާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ވަޑައިނުގެެންނެވި ނަމަވެސް އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އާއި އެގައުމުގެ ކުރީގެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިއު ބުޝް އާއި ބިލް ކްލިންޓަންގެ އިތުރުން ބަރަކް އޮބާމާ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ބައިޑެން ގައުމާއި މުހާތަބު ކުރައްވާނެއެވެ. އެގޮތުން ބައިޑެންގެ މި ތަގުރީރު ބޮޑަށް އަމާޒުކޮށްފައިވަނީ "އެއްބައިވަންތަ އެމެރިކާ" އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުފުޅުން 78 އަހަރުގެ ބައިޑެން އަކީ އެމެރިކާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ 46 ވަނަ ފަރާތެވެ. އަދި އެގައުމުގެ ފުރަތަމަ އަންހެން ނައިބު ރައީސާގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ހެރިސް އަކީ އެ މަގާމާއި ހަވާލުވެވަޑައިގަންނަވާ 49 ވަނަ ފަރާތެވެ.