Last Updated: April 24, 12:56
Wednesday, April 24, 2024
ދުނިޔެ އެމެރިކާގެ ރައީސް

ޓްރަމްޕްގެ ވަދާއީ ތަގުރީރު: ކުރަން އައި ކަންތައް ހާސިލުވެއްޖެ

ވެރިކަމުން ފައިބައިވަޑައިގަންނަވަނީ ކުރަން އައި ކަންތައް ހާސިލުކޮށްފައި ކަމަށް އެމެރިކާގެ ރައީސްކަމުގެ މަގާމުން މިއަދު ދުރަށް ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޔޫޓިއުބްގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ޓްރަމްޕް ވަނީ ފާއިތުވި ހަތަރު އަހަރުތެރޭ އެމެރިކާގެ އިގްތިސާދު ވަރުގަދަކޮށް، މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ތާރީހީ ސުލްހައިގެ އެއްބަސްވުންތައް ހަދައި، ޗައިނާއާ ދެކޮޅަށް ގައުމުތައް ތެދުކޮށް، އެއްވެސް ހަނގުރާމައެއް ފަށާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

"ވެރިކަމަށް އައިސް އަހަރުމެން ކުރަން އައި ކަންތައް ކުރެވިއްޖެ، މާބޮޑަށް ވެސް ކުރެވިއްޖެ" ޓްރަމްޕް ވިދާޅުވިއެވެ.

މިދިޔަ ހަތަރު ހަތަރު ގެންގުޅުއްވީ ވަކި ބަޔަކަށް ފައިދާވާނެ އެޖެންޑާއެއް ނޫން ކަމަށާއި ސިޔާސީ ހަމަނުޖެހުމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި މިދިޔަ ހަތަރު އެމެރިކާގެ ރައްޔިތުން އިންތިހާބު ކުރި ގޮތަށް އުނދަގޫ ކަންކަމާއި ވެސް ކުރިމަތިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑަންގެ ނަންފުޅު ވިދާޅުނުވެ ޓްރަމްޕް ވަނީ މި ތަގުރީރުގައި އާ ވެރިކަމަށް ކާމިޔާބީ އަށް ވެސް އެދިފައެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް މިއަދު ވަކިވެ ވަޑައިގަންނަވާއިރު އޭނާ އަކީ ވެރިކަމުން ފައިބައިވަޑައިގަންނަވާ އެންމެ އެޕްރޫވަލް ރޭޓިން ދަށް ރައީސްއެވެ. އެގޮތުން ޓްރަމްޕްގެ އެޕްރޫވަލް ރޭޓިން ހުރީ 34 ޕަސެންޓްގައެވެ. އަދި އޭނާ އަކީ އެމެރިކާގެ ތާރީހުގައި ވެސް ދެ ފަހަރެއްގެ މަތިން އިމްޕީޗް ކުރެވުނު ފުރަތަމަ ރައީސެވެ.