Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޗެލްސީ ބަލިކޮށް ލެސްޓާ އެއްވަނަ އަށް

2-0 އިން ޗެލްސީ ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ އެއްވަނަ އަށް ލެސްޓަ ސިޓީ އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލެސްޓާ އޮތީ 38 ޕޮއިންޓާ އެކުއެވެ. ޗެލްސީ އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައެވެ. ރޭގެ މެޗަކީ އެންމެފަހުން ލީގުގައި ކުޅުނު 8 މެޗުގެ ތެރެއިން ޗެލްސީ ބަލިވި ފަސްވަނަ މެޗެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި ވިލްފްރެޑް އެންޑިޑީ ވަނީ އެޓީމަށް މެޗުގެ ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖޭމްސް މެޑިސަން ވަނީ ލެސްޓާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ލެސްޓާ އިން ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލެސްޓާ އިން ފޮނުވާލި އެ ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ކީޕަރު މެންޑީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގައި ޗެލްސީ އަށް ލެސްޓާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާއިރު، އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ ވުލްވްސްއާއެވެ. ލެސްޓާ ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.