Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު ސިޔާސީ

މި ސަރުކާރުން ޝަރުއީ ނިޒާމަށް އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ: އަބްދުއްރަހީމް

ފޮޓޯ: ސަން

މި ސަރުކާރުން ޝަރުއީ ނިޒާމަށް އިންތިހާއަށް ނުފޫޒު ފޯރުވާކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއިން ތ. ގުރައިދޫ އަދި މާލޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ޝަރުއީ ނިޒާމަށް އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އަދި ޖޭއެސްސީއަށްވެސް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް ކުރުން ފަސްކުރެވެމުން އަންނަކަމަސް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ތިން ބާރު އޮތީ އެއްވެފައިކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެއް ބާރުން އަނެއްބާރަށް ފާރަވެރި ވުމުގެ ބަދަލުގައި ނުފޫޒުފޯރުވަމުން އަންނަ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން މަގުމައްޗަށް ނިކުންނަންވީ ވަގުތު ޖެއްފައިވާ ކަމަށެވެ. އަދި ޤައުމަށްޓަކައި ގުރުބާންވާން ނުކެރެންވީ ކިއްވެތޯ ސުވާލު އުފެއްދެވި އެވެ.

"ރައްޔިތުން މަގުމައްޗަށް ނިކުންނަން އެބަ ޖެހޭ. މިއީ ސަމާސާ ކަމެއްނޫން. ކީއްވެގެންތޯ ބޮޑުތިލަދުންމަތީގަ އޮތް ކުޑަކުޑަ ރަށަކުން ތިން މީހަކު މިގައުމަށްޓަކައި ގުރުބާންވި އިރު މިއަދު އަޅުގަނޑުމެންނަށް ގުރުބާންވާން ނުކެރިގެން މިއުޅެނީ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބު ބޭއްވުމަށް ޤާނޫނަށް އިސްލާހު ގެނައި ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް ދަންނަވަން ދަތިކަަމަށެވެ. އަދި މިއޮތް ހުރިހާ ދުވަހު އިދިކޮޅުން ރަށު ބަންދުގައި ބޭތިއްބުމަށްފަހު ސަރުކާރުން އައީ ކެމްޕެއިން ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތީ އަހަރަކަށްވުރެއް ގިނަ ދުވަސް ވެފައިވާކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާޏުގެ ހިތްވަރުފުޅު ގަދަކަމާއި ސާބިތުކަން ވަރަށް ގާތުން ފެނިއްޖެ ކަމަށެވެ. ޤައުމުގެ ދިފާއުގައި، އަދި ޤައުމިއްޔަތުގެ ހައްޤުގައި މިއަދު ބަހެއްބުނާ ލީޑަރަކު ނެތް ކަމަށާއި، ރައީސް ޔާމިންގެ މަތިން ހަނދާންވަނީ އެސަބަބާއި ހުރެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.