Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ކޮވިޑު ވެކްސިން ފުރަތަމަ ޝިޕްމެންޓު ރާއްޖެ ގެނެސްފި

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑު-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓު މީގެ ކުޑައިރުކޮޅެއްގެ ކުރިން ރާއްޖެ ގެނެސްފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް މިއަދު ހަދިޔާ ކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އިންޑިއާއިން ރާއްޖެ ހަދިޔާ ކުރި ވެކްސިން ރާއްޖެ ގެނެސްފައިވަނީ މިއަދު މެންދުރުފަހު އެއާ އިންޑިއާގެ ހާއްސަ ފްލައިޓެއްގައެވެ.

ރާއްޖެ އަށް ކޮވިޑް ވެކްސިން ގެނެސްފައިވާއިރު ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލާފައެވެ. ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ. ވެކްސިން އެންމެ ފުރަތަމަ ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިން ހެލްތު ވޯކަރުންނާއި ހައި ރިސްކު ކެޓެގަރީގެ މީހުންގެ ގަޔަށެވެ.

ރާއްޖެ އަކީ ކޮވިޑް-19 ގެ ހާލަތުގައި އިންޑިއާ އިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގައުމެވެ. އެގޮތުން އެގައުމުން ވަނީ މި ހާލަތުގައި 250 މިލިއަން ޑޮލަރުގެ އެހީ ރާއްޖެ އަށް ފޯރުކޮށްދީފައެވެ.