Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ރެއާލް ކަޓައިފި

ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން 2-1 އިން ބަލިވެ ރެއާލް މެޑްރިޑް ސްޕެނިޝް ކަޕުން ކަޓައިފިއެވެ.

އަލްކޮޔާނޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި މިލިޓާއޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. މި ގޯލާއެކު ރެއާލް މޮޅުވާން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓްގައި ސޮލްބެސް ވަނީ އަލްކޮޔާނޯ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ދެން ނަތީޖާ ނެރުމަށް ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން އެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ކުރީކޮޅު އަލްކޮޔާނޯގެ ލޮޕޭޒް އޮލިވަން އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗުގެ ބާކީބައި ކުޅުނީ 10 ކުޅުންތެރިންނާ އެކުއެވެ.

އެގޮތުން 10 ކުޅުންތެރިންނާއި އެއްކޮށް ކުޅެ މި މެޗުން މޮޅުވި ގޯލު އަލްކޮޔާނޯ އަށް ކާމިޔާބުކޮށްދިނީ ކަސަނޯވާއެވެ.

މެޗަށްފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ޒިންމާ އަދި މި މެޗާއި ގުޅިގެން ދެން ކުރިއަށް ވާން ހުރި ކަންކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

ސްޕެނިޝް ކަޕް 19 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑަށް މި މުބާރާތް ކާމިޔާބު ނުކުރެވޭތާ މިހާރު ވަނީ ހަތް އަހަރު ވެފައެވެ.