Last Updated: April 19, 17:23
Friday, April 19, 2024
ދުނިޔެ

މުސްލިމުންނާއި ދެކޮޅަށް ޓްރަމްޕް ނެރުނު އަމުރު ބައިޑެން އުވާލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމަށް ނެރުއްވާފައިވާ އަމުރު އެގައުމުގެ އައު ރައީސް ޖޯ ބައިޑެން ރޭ އުވާލައްވައިފިއެވެ.

ބައިޑެން އެ އަމުރު އުވާލެއްވީ ހުވާ ކުރެއްވިތާ މާގިނަ އިރުތަކެއް ނުވަނީސް ވައިޓް ހައުސް އަށް ވަޑައިގަތުމަށްފަހު އެވެ. އެގޮތުން ބައިޑެން ވަނީ އެ އަމުރާއެކު ޓްރަމްޕްގެ ވެރިކަމުގައި ކުރި 15 ކަމަކަށް ބަދަލު ގެނައުމަށް ނިންމަވައި ރޭ ސޮއިކުރައްވާފައެވެ.

އޭގެތެރޭގައި ޓްރަމްޕުގެ ވެރިކަމުގައި ވަކިވި ޕެރިސް ތިމާވެށީގެ އެއްބަސްވުމުގައި އަލުން ބައިވެރިވުމާއި، ކޮވިޑުން ރައްކާތެރިވުމަށް މާސްކު އެޅުން މަޖުބޫރު ކުރުމާއި، ޑަބްލިއުއެޗްއޯ އާއެކު ގުޅުން ކަނޑާލަން ނިންމި ނިންމުން މަޑުޖައްސާލުން ހިމެނެއެވެ.

އެމެރިކާއަށް ބައެއް ގައުމުތަކުގެ މުސްލިމުން އެތެރެވުން މަނާކުރުމުގެ އަމުރު ޓްރަމްޕް ނެރުއްވީ 27 ޖެނުއަރީ 2017 ގައެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ ކޯޓުތަކުން އެ އަމުރު ތަންފީޒު ކުރަން ހުރަސް އެޅުމުން ތަފާތު އެކި ފަހަރުމަތިން އެ އަމުރަށް ބަދަލުތަކެއް ވަނީީ ގެނެސްފައެވެ.

އެ ބަދަލުތަކާއެކު 2018 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ތަންފީޒު ކުރުމަށް ހުއްދަ ދީފައެވެ.