Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

އަގުއެރޯ އަށް ކޮވިޑް ޖެހިއްޖެ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަގުއެރޯ ބުނީ ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވެފައިވާތީ ފާއިތުވި ދުވަސްތަކުގައި އޭނާ ހުރީ އައިސޮލޭޝަނުގައި ކަމަށާއި އަދި އެންމެފަހުން ހެދި ޓެސްޓުން އޭނާ ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކޮވިޑްގެ ބައެއް އަލާމާތްތައް ފެނިފައިވާތީ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން އަމަލުކުރަމުންދާ ކަމަށްވެސް އަގުއެރޯ ބުންޏެވެ.

އަގުއެރޯ ކޮވިޑަށް ޕޮޒިޓިވްވިއިރު މި މަހުގެ ކުރީކޮޅު ސިޓީގެ ގިނަ އަދަދެއްގެ ކުޅުންތެރިންތަކެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާއި ގުޅިގެން ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ސިޓީން ކުޅެން ހަމަޖެހިފައި އޮތް މެޗު ވެސް ފަސްކޮށްފައިވެއެވެ.

ކޮވިޑްގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ކަރަންޓީނުގައި ތިބެން ޖެހުނު ނަމަވެސް އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން އެންމެފަހުން ކުޅުނު 16 މެޗުން ވެސް ސިޓީ ބަލިވެފައެއް ނުވެއެވެ. އެޓީމު މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ދެވަނައިގައެވެ.