Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސުޕްރީމް ކޯޓުން ޔާމީނަށް އިންސާފު ލިބޭނެ: ޖަމީލު

ޝަރީއަތުގެ މަޖިލީހުގެ ތެރެއިން--

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސުޕްރީމް ކޯޓުން އިންސާފު ލިބިވަޑައިގަންނަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓަން ހައިކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލު ވިދާޅުވީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ހައިކޯޓުގައި ހުކުމް އިއްވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ހަދާފައިވާ ގޯސްތަކާއި، ހެކި ގަބޫލު ކުރުމުގައި ހަދާފައިވާ ގޯސްތަކާއި އަދި މުޅި މި މައްސަލައިގައި ހަދާފައިވާ މާސިންގާ އައިބުތަކަށް ސުޕްރީމް ކޯޓުން އިންސާފު ލިބޭނެ ކަމުގެ ކަށަވަރުކަން އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ސުޕްރީމް ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން، ކަށަވަރުކަން އޮތް ވާހަކަ ދަންނަވާލަން ބޭނުން" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ހައިކޯޓުގެ ހުކުމަކީ ވަރަށް ބޮޑެތި އައިބުތަކެއް އެކުލެވޭ ހުކުމެއް ކަމަށާއި އެގޮތުން އެ ހުކުމް ދިވެހި އެއްވެސް ރައްޔިތަކު ބަލައިނުގަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ޔާމީނަށް އިއްވާފައިވާ ހުކުމް ދެމެހެއްޓުމުގައި ބެއްލެވީ ދައުލަތުން ކުޅުނުު ޑްރާމާ އަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަަލައިގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއުފުލާ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.