ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 1-0 އިން ބަލިވެ ލިވަޕޫލް ތިން އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ލިވަޕޫލް އެންމެފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ކްރިސްޓަލް ޕެލެސް އަތުންނެވެ. އެގޮތުން އެޓީމުން ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 68 މެޗު ފުރިހަމަކޮށްފައެވެ. އަމިއްލަ ދަނޑުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑު އޮތީ ޗެލްސީގެ އަތުގައެވެ. އެއީ 86 މެޗެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބާންލީ އަށް މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އޭޝްލީ ބާންސް އެވެ. މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިވަޕޫލަށް ވެސް ލިބި ބޭކާރުވެފައިވެއެވެ.
މިއީ 1974 ވަނަ އަހަރަށްފަހު ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެޓީމުގެ މައްޗަށް ބާންލީން ކުރި ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ލިވަޕޫލަށް ގޯލެއް ކާމިޔާބު ނުކުރެވި ނިންމާލަން ޖެހުނު ހަތަރުވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 34 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ބާންލީ އޮތީ 19 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ. 40 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އޮތީ މެންޗެސްޓަރ ޔުނައިޓެޑެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.