Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޒިދާން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 48 އަހަރުގެ ޒިދާން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރެއާލް އިން ހާމަކޮށްފައިވަނީ މިއަދުއެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ޒިދާން ކޮވިޑަށް ޕޮޒިޓިވް ވުމުން އަންނަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭން ޒިދާން ބެންޗުގައި ނުހުންނާނެއެވެ. ރެއާލް މިވަގުތު އޮތީ 37 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

ލީގުގެ ދެވަނައިގައި ރެއާލް އޮތްއިރު މިދިޔަ ބުދަ ދުވަހުގެރޭ ރެއާލް ވަނީ ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ ސްޕެނިޝް ކަޕުން ކަޓާފައެވެ.