އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ކުޅުން މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.
އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ބޭރުމަތި އާއި އެފްސީ އަފިރިންނެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ފަށާނީ ހަވީރު 4:00 ގައެވެ.
މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރިވެފައިވާއިރު ޓީމުތައް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ބޭރުމަތި އެފްސީ އާއި އެފްސީ އަފިރިން އާއި އެފްސީ ޒެފިޔާގެ އިތުރުން ފާހި ސްޕޯޓްސްއެވެ. ގްރޫޕް ބީ ގައި ހިމެނެނީ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީގެ އިތުރުން މެދުވަލު އެފްސީ އެވެ.
ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީއަށް ދަތުރުކުރާނެއިރު މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.