ސ. ހިތަދޫގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަށް ދާގަނޑު ކޮންސްޓްރަކްޝަން އާ އެކު އައްޑޫ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ބައްތި ނުބެލެހެއްޓި ހިތަދޫގެ ގިނަ ސަރަހައްދުތައް ކަނު އަނދިރި ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫގެ މަގު ބައްތި މަރާމާތު ކޮށް ބެލެހެއްޓުމުގެ މައްސަލަ މިހާރު ވަނީ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހުށަހަޅާފަ އެވެ.
ކުރިން ކައުންސިލުން މަގު ބައްތި ބެލެހެއްޓުމަށް ހަވާލު ކުރި ދާގަނޑު ކޮންސްޓްރަކްޝަންގެ މުއްދަތު ހަމަވުމުން އެ ކުންފުނިން ދެވަނަ ފަހަރަށް ވެސް މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަގު ކުޑަވުމުގެ ސަބަބުން ކައުންސިލުން ވަނީ އެކުންފުންޏަށް މަސައްކަތް ހަވާލު ނުކޮށް ހިތަދޫގެ އެހެން ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް ނިންމާފަ އެވެ.
އަދި އެކަމާ ގުޅިގެން މައްސަލަ ވަނީ ކޮރަޕްޝަނަށް ތުހުމަތު ކޮށް އޭސީސީ އަށް ހުށަހަޅާފަ އެވެ.
ހިތަދޫގެ މަގު ބައްތިތައް މަރާމާތު ނުކުރާތާ ތިން މަހަށް ވުރެ ވަނީ ގިނަ ވެފަ އެވެ. އަދި 30 އިން ސައްތަ ބައްތި ތައް ނުދިއްލޭ އިރު ބައެއް ބައްތި ދަނޑިތައް ބިނދިގެން ބިމަށް ވެއްޓިފައި އެބަ ތިއްބެވެ.
ހިތަދޫގެ މަގުތައް އަނދިރިވެފައި އޮތުމުގެ ސަބަބުން ހިނގާބިގައި އުޅޭ މީހުންނަށް ވަނީ ބޮޑު ތަކްލީފަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ މީހުނަށް ރޭގަނޑު މިސްކިތްތަކަށް އައިސް ގޮސް އުޅުން ވަނީ އުނދަގުލަކަށް ވެފަ އެވެ.
ހިތަދޫގެ މަގު ބައްތިތައް ދުވާލު ގަނޑީގައި ދިއްލިފައި، އަދި ރޭގަނޑު ނިވިފައި ހުންނަ އިރު އެކަމާ ބެހޭ ފަރާތަކުން އެކަށީގެންވާ އަޅާލުމެއް ލެވިފައެެއް ނުވެ އެވެ. އަދި ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ ކަރަންޓް އިސްރާފްވެގެން ދާއިރު އަދިވެސް މި ތިބެނީ ބަލަހައްޓައިގެންނެވެ.
ކައުންސިލުން ބުނެފައި ވަނީ މަގު ބައްތި ބެލެހެއްޓުމަށް މިލިއަނުން ފައިސާ ހަރަދު ކުރާ ކަމަށެވެ.