Last Updated: April 27, 20:01
Saturday, April 27, 2024
މީހުން

އދ. ގައި ތަގުރީރު ކުރެއްވި ފުރަތަމަ ދިވެހި އަންހެނަކަށް ޑރ. ޝަކީލާ!

އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރް ކުރެއްވި ފުރަތަމަ ދިވެހި އަންހެނަކަށް މިހާރުގެ އެކްޓިން ފޮރިން މިނިސްޓަރުކަން ކުރައްވަމުން އަންނަ ޑރ. މަރިޔަމް ޝަކީލާ ވެއްޖެ އެވެ.

ސ. ހިތަދު އަށް އުފަން، އައްޑު އަށް ގިނަ ހިދުމަތްތަކެއްކޮށް ދެއްވި ހިތަދޫ މޫންލައިޓް މުހައްމަދު ސައީދުގެ ދަރިކަނބަލުން ޑރ. މަރިޔަމް ޝަކީލާ ވަނީ އދ. ގެ އާއްމު މަޖިލީހުގައި ރާއްޖޭގެ ދާހިލީ ކަންކަމާއި ބޭރުގެ ގައުމުތަކުން ނުބެހުމަށް ގޮވާލައްވާފަ އެވެ.

މި ޖަލްސާގައި ޝަކީލާވަނީ ރިއާސީ އިންތިހާބުގެ ނަތީޖާއާއި މެދު ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓުންކޮށްފައިވާ ހުކުން ވަކި ގޮތަކަށް ނުނިމެނީސް ބޭރުގެ ގައުމުތަކުން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފަ އެވެ.

އެގޮތުން މިނިވަން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް އދ.ގެ ޗާޓަރުގައި އޮންނަ ކަމަށް ޝަކީލާ ވަނީ ހަނދާންކޮށް ދެއްވައިފަ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް އެރި ކުލީ ސިފައިންގެ މައްސަލަ އާ ގުޅިގެން ރާއްޖެއިން އިސް ނަގައިގެން އދ.ން ފާސްކޮށްފައިވާ ތިން ގާރާރަށް ވަނީ އަލި އަޅުއްވާފަ އެވެ.

ޝަކީލާ ވިދާޅުވީ އދ.ގެ ގަރާރު ނަމްބަރު 44/51 އަދި 46/43 އަދި 49/31 ކުދި ގައުމުތަކަށް ލިބިދޭ އިސްތިގުލާލީ ހައްގުތައް ކަށަވަރުކޮށްދޭ ކަމަށެވެ.

ޝަކީލާ ވިދާޅުވީ ރާއްޖޭގައި ޑިމްކޮރަސީ ގާއިމް ކުރުމަށް ގިނަ ގޮން ޖެހުންތައް ހުރިކަމަށެވެ. އެގޮތުން ޑެމޮކްރަސީ ހަރުދަނާ ކުރެވެނީ އިންތިހާބެއް ބާއްވައިގެން ނޫން ކަމަށާއި ނުވަތަ ޑެމޮކްރަޓިކް ކޮށް ފެންނަ ގާނޫނު އަސާސީއެއް އޮވެގެން އެކަނި ނޫން ކަމަށެވެ.

ނަމަވެސް ޑިމްކޮރަސީ ހަރުދަނާ ކުރެވޭނީ މުއައްސަސާތަކުގެ ރޯލްތައް ހަރުދަނާ ކުރެވިގެން ކަމަށް ޑރ. ޝަކީލާ ވަނީ ވިދާޅުވެފަ އެވެ.