އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ މެޗު އެފްސީ ބޭރުމަތިން ކާމިޔާބުކޮށްފިއެވެ.
މުބަރާތުގެ ފުރަތަމަ މެޗު ގްރޫޕް އޭގައި ހިމެނޭ ބޭރުމަތި ޓީމުން ކާމިޔާބުކުރީ އެފްސީ އަފިރިންނާއި ބައްދަލުކޮށް 4-1 އިންނެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބޭރުމަތި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ހާފް އެޓީމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލު ބޭރުމަތި ޓީމަށް މެޗުގެ 34 ވަނަ މިނެޓްގައި މުހައްމަދު ހަމްދާން ކާމިޔާބުކޮށްދިންއިރު، މެޗުގެ 43 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
ބޭރުމަތި ޓީމުގެ ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި އަލީ އަބާން ޝަރީފް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލަކީ އަފިރިން ޓީމުގެ ސަފްވާން ލަތީފް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެފްސީ އަފިރިން ޓީމުގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ އަހުމަދު ޝިޔާމް (ދޮނާ) ދިން ރީތި ޕާހަކުން ކާމިޔާބުކޮށްދިނީ ޝަވީން ސައީދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ ބޭރުމަތި ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ބޮންޑާ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީ އެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.