ސްޕެނިޝް ލީގުގައި ރޭ ކަރީމް ބެންޒެމާގެ ދެ ގޯލުން 4-1 އިން އަލަވޭސްގެ މައްޗަށް ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.
މި މޮޅާއެކު ރެއާލް މިހާރު ލީގުގެ ދެވަނައިގައި އޮތީ 40 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި ރެއާލް އަށް ވުރެ ދެ މެޗު މަދުން ކުޅެ 44 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
އަލަވޭސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 15 ވަނަ މިނެޓްގައި ކަސެމެއިރޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 41 ވަނަ މިނެޓްގައި ބެންޒެމާ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޑެން ހަޒާޑް ވަނީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 59 ވަނަ މިނެޓްގައި ޖޮސެލޫ އަލަވޭސް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ 70 ވަނަ މިނެޓްގައި ބެންޒެމާ ވަނީ ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އަލުން އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ރޭގެ މެޗުން ރެއާލް މޮޅުވިއިރު މި މެޗުގައި އެޓީމަށް އިރުޝާދު ދޭން ކޯޗު ޒައިނުއްދީން ޒިދާން ނެތެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޒިދާން މިވަގުތު ހުރީ އައިސޮލޭޝަނުގައެވެ.