އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ދެވަނަ މެޗު ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކޮށްފިއެވެ.
މުބަރާތުގެ ދެވަނަ މެޗު ގްރޫޕް ބީގައި ހިމެނޭ ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކުރީ މަރަދޫ އެފްސީއާ ބައްދަލުކޮށް 1-0 އިންނެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ހަސަން ހަނީފް ވަނީ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފޭދޫ ސްޕޯޓްސް ޓީމަށް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މަރަދޫ ޓީމުގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް އޮވެ ބޮލުން ކުރިއަށް ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ފޭދޫ ސްޕޯޓްސް ޓީމަށް މި މެޗުގައި ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސް ޓީމުގެ ގޯލު ކާމިޔާބުކޮށްދިން ހަސަން ހަނީފް އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ ޒެފިޔާ އާއި ފާހި ސްޕޯޓްސް އެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.