3-2 އިން ލިވަޕޫލް ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލް އިންނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓްގައި މި ގޯލު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނެޓްގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 48 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ 10 މިނެޓްފަހުން ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުން ޔުނައިޓެޑް މޮޅުވި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ބްރޫނޯ ފަނާންޑޭސްއެވެ.
ފަސް ވަނަ ބުރުގައި ޔުނައިޓެޑް އަންނަ މަހު ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ފެބްރުއަރީ 10 ނޫނީ 11 ގަ އެވެ.
މީގެއިތުރުން އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ޓެމީ އަބްރަހަމްގެ ހެޓްރިކުން ޗެލްސީ ވަނީ 3-1 އިން ލޫޓަން ޓައުން ބަލިކޮށްފައެވެ. އަދި ލެސްޓާ ސިޓީން ވަނީ ފަހަތުން އަރައި 3-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރި ހޯދިއިރު ފުލަމް ދަނޑުގައި ބާންލީ މޮޅުވީ 3-0 އިންނެވެ.