Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފި

ޗެލްސީގެ ކޯޗުކަމުން ފްރޭންކް ލަމްޕާޑް ވަކިކޮށްފިއެވެ.

އުމުރުން 42 އަހަރުގެ ލަމްޕާޑް ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައިމިވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެގޮތުން 200 މިލިއަން ހަރަދުކޮށްގެން މި ސީޒަނާއި ކުރިމަތިލި ޗެލްސީ މިވަގުތު އޮތީ ލީގުގެ 9 ވަނައިގައެވެ.

ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުން ފާހަގަކޮށްލެވެއެވެ.

ކުރިން ޗެލްސީ އަށް ކުޅުނު ލަމްޕާޑް އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ލަމްޕާޑްގެ ފުރަތަމަ ސީޒަނުގައި އޭނާ ވަނީ ޗެލްސީ އަލުން އެނބުރި ޗެމްޕިއަންސް ލީގަށް ގެންގޮސްދީ، އެފްއޭ ކަޕްގެ ފައިނަލަށް ގެންގޮސްދީފައެވެ.

ލަމްޕާޑް އަށްފަހު ޗެލްސީގެ ކޯޗުކަމާއި ދެން ހަވާލުވާނީ ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ކަމަށް ރިޕޯޓުތައް ބުނެއެވެ.