އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ތިންވަނަ މެޗު ފާހި ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
މުބަރާތުގެ ތިންވަނަ މެޗު ގްރޫޕް އޭ ގައި ހިމެނޭ ފާހި ސްޕޯޓްސް އިން ކާމިޔާބުކުރީ ޒެފިޔާ އާއި ބައްދަލުކޮށް 2-1 އިންނެވެ.
މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޒެފިޔާ އިންނެވެ. އެގޮތުން މި ގޯލު މެޗުގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނިހާދެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ހުސެއިން ޝާމިން ވަނީ ފާހި ސްޕޯޓްސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 59 ވަނަ މިނެޓްގައި ހުސެއިން ޝިފާޒް ވަނީ ފާހި ސްޕޯޓްސް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. ޝިފާޒް މި ގޯލު ކާމިޔާބުކުރީ ޒެފިޔާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މި ގޯލަށްފަހު ޒެފިޔާ އިން ނަތީޖާ އެއްވަރުކުރުމަށް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން ޒެފިޔާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ އިންޝާލް ފޮނުވާލި އެ ޕެނަލްޓީ ފާހި ސްޕޯޓްސްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ޕެނަލްޓީ އަށްފަހު ވެސް އިންޝާލް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާހި ސްޕޯޓްސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން ޝިފާޒް އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ މެދުވަލު އެފްސީ އާއި މަރަދޫ ސްޕޯޓްސް ކްލަބެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.