Last Updated: June 30, 18:04
Tuesday, June 30, 2026
ވިޔަފާރި

ގަން ކޮލަމްބޯ ދަތުރުތައް ހުއްޓާލަނީ!

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ފެށި ގަން- ކޮލަމްބޯ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ ގަމާއި ކޮލަމްބޯއާއި ދެމެދު ދަތުރު ކުރަނީ ބޮޑުގެއްލުމެއްގައި ކަމަށެވެ. އަދި މިގޮތަށް ގެއްލުމުގައި އެކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ދަތުރު ނުކުރެވޭނެ ކަމަށެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހޯމަ ދުވަހާއި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަތުރުވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ސްރީލަންކަން އެއާލައިންސުން ގަމާއި ކޮލަމްބޯ ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް މޯލްޑިވިއަނުން ގަމާއި ލަންކާ އާ ދެމެދު ދަތުރުތައް ފަށައި މުސްތަގްބަލްގައި ގަމުން ރާއްޖޭން ބޭރުގެ އެހެން މަންޒިލްތަކަށް ދަތުރު ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި 269 ޑޮލަރަށް ފެށި ދަތުރު 10 ދުވަހުގެ ކުރިން ޓިކެޓް ނެގުމުން 199 ޑޮލަރަށް ދަތުރު ކުރެވޭނެ ފެއާއެއް މޯލްޑިވިއަނުން ވަނީ ދާދި ފަހުން ތައާރަފްކޮށްފަ އެވެ.

އަލީ ނަޝާތު ވިދާޅުވީ ޕެސިންޖަރުން ނެތުމުން ބައެއް ދުވަސް ދުވަހު ބޯޓު ކެންސަލް ކޮސްފައި ވެސް އެބަހުރި ކަމަށެވެ.

ގަމުން – ކޮލަމްބޯ އަށް ދަތުރު ފެށި އިރު ވެސް މިކަން ދިގުލައިގެން ނުދާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި މި ކަމަކީ ރިއާސީ އިންތިހާބާ ދިމާކޮށް ކުރި ސިޔާސީ ކަމެއްކަމަށް ބުނެ ގިނަ ފާޑު ކިއުންތައް މޯލްޑިވިއަން އަށް އަމާޒުވިއެ ވެ.

ނަމަވެސް މޯލްޑިވިއަނުން ބުނަމުން އައީ ގަމާއި ކޮލަމްބޯ ދެމެދު ދަތުރުތައް އެ ކުންފުނިން ހުއްޓާ ނުލައި ކުރަމުން ގެންދާނެ ކަމަށެވެ.