Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޓެރަރިޒަމް

ތިމަރަފުށިން ހައްޔަރުކުރީ ބޮމެއް ހަދަން މަސައްކަތް ކުރިބައެއް: ފުލުހުން

ތިމަރަފުށީ އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކުރި މީހުން-- ފޮޓޯ: ފުލުހުން

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތ. ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރަން ބަޔަކު މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން އިސްވެތިބެ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއްކަމަށް ދައްކައި، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވައި، ހިއްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް-3" ދޯނީގައި އައި.އީ.ޑީއެއް (ބޮމެއް) ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ބާއްވައި، އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުންދިއުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައި ގައި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައުވަނީ މި އޮޕަރޭޝަންގައި ނޮވެމްބަރު 11 ވަނަ ދުވަހު ހަ މީހުން ހައްޔަރު ކޮށްފައިވާކަމަށާއި، އަދި ނޮވެމްބަރު 27 ވަނަ ދުވަހު ތިމަރަފުށިން އިތުރު ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހުން:
1) އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި / ފެހިވިދުވަރުގެ 34އ
2) އަހްސަން މުހައްމަދު، ތ. ތިމަރަފުށީ / އަސްރަފީވިލާ 32އ
3) އަލީ މުނީޒު، ތ. ތިމަރަފުށި / ކެނެރީގެ 28އ
4) މުހައްމަދު އާސިރު، ތ. ތިމަރަފުށި / އަސުރުމާގެ 34އ
5) އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ / ފެހިވިލާ 18އ
6) ޝަމާޚު ޝަރީފް، ތ. ތިމަރަފުށި / ސައިމާ 20އ
7) އިބްރާހިމް ލޫތު، ނ. ކުޑަފަރި / ރޯޒްމީޑު 21އ
8) އަބްދުﷲ އިމާދު، ރ. މަޑުއްވަރި / ބީޗްހައުސް 29އ

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަބްދުﷲ ޝަރީފް އަކީ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި އައްޔަނުކޮށްފައިވާ މީހެއްކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތިމަރަފުށީގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ "ނަސާހް-3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީ ބަލާ ފާސްކުރިއިރު، އެ ދީނިން އައިއީޑީއެއް ތަައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައިފާސްކުރި އިރު 10 މީޓަރު އަޑިން، ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލާފާސްކުރި ގެއަކުން އައިއީޑީއެއް ތަައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުމާ ގުޅޭ މެނުއަލް ފަދަ ލިޔެކިޔުންތައް ހުރި ޑިވައިސްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

"މިމައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުތަކުން އެ ފަރާތްތައް މަސައްކަތް ކުރަމުން ދިޔައީ އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށްކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ. މިގޮތުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ފާހަގަކޮށްފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކިއެކި ހަރަކާތްތައް ހިންގުމަށް ޓީމުތަކެއް ކަނޑައަޅައި އެކުލަވާލާފައިވާކަންވެސް ފާހަގަކުރެވިފައިވެ އެވެ." ފުލުހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަޤުސަދަކީ ޓެރަރިސްޓް ޖަމާއަތް އަސްލާމިކް ސްޓޭޓަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެ ފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޖެނުއަރީ 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީޙުން ތިބުމާއި ގުޅިގެން އެ މައްސަލަތައް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.