Last Updated: April 26, 18:02
Friday, April 26, 2024
ޚަބަރު

ސީއެންއެންގެ "ކޯލް ޓު އާތު" ޕްރޮގްރާމް މި މަހު އަމާޒުކުރީ ރާއްޖެއަށް

ސީއެންއެންއިން ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ކޯލް ޓު އާތް" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީ އެއްގައި މަންޓާ ރޭއި ހިމާޔަތް ކުރުމަށް، ރާއްޖެއިން ކުރިޔަށްގެންދާ "މަންޓާ ރޭއި ކޮންޒަވޭޝަން" އަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ގެނެސްދޭން ފަށައިފިއެވެ.

މި ޕްރޮގްރާމްގައި ދައްކުވައިދެނީ މަންޓާތައް ހިމާޔަތް ކުރާ ގްރޫޕުން އެ އާލާކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކެވެ. އަދި އޭގެ ހަރަކާތްތައް ދެނެގަނެ މަންޓާތަކަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް އެ ސަރަހައްދުގައި ގާއިމް ކުރަން ކުރާ މަސައްކަތެވެ. މި ޕްރޮގްރާމް ގެ ޝޫޓިން ފެށުމުގެ ކުރިން ސީއެންއެން އިން ވަނީ ބ.އަތޮޅު މަންޓާ ރޭ ޕްރޮޖެކްޓްގެ މެނޭޖަރ ބެތު ފޮލްކްނާއާ ބައްދަލުކޮށް މިިކަމާއި ބެހޭ މައުލޫމާތު ސާފުކޮށްފައެވެ.

ފޮލްކްނާ ހާމަކުރިގޮތުގައި މުޅި ދުނިޔޭގައިވެސް އެކި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ މަންޓާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމަކީ ރާއްޖެ ކަމަށާއި ރާއްޖޭގައި މަންޓާގެ އާބާދީ އުޅެނީ 5،000 އަށް ވުރެ މަތީގައިކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މަންޓާއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެކި ސަބަބުތަކާ ހެދި އޭގެ ދިރުން ނެތި ދިއުންކަމަށާއި އެގޮތުން ކަނޑުގެ ހޫނުމިން ގަދަވުމުގެ ސަބަބުން ރަށްރަށުގެ ވަށައިގެންވާ މުރަކަތައް ހަލާކުވުމަކީވެސް ކުރިޔަށް އޮތްތަނުގައި މަންޓާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ބެތް ފޮލްކްނާ ހާމަކުރިއެވެ. އަދި އޭނާގެ އުއްމީދަކީ ވީހާވެސް ގިނަ މީހުންނަށް މުހިއްމު ކަމެއް ގޮތުގައި ވިސްނައިދީ އަދި ގިނަ މީހުންތަކެއް މަންޓާތަކާއި އެއްކޮށް ފީނަން ގޮސް އުޅޭ ތަން ދެކުން ކަަމަށެވެ.