އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި މިއަދު ހަވީރު ކުޅުނު މެޗު މަރަދޫ އެފްސީއާ ބައްދަލުކޮށް 3-2 އިން މެދުވަލު އެފްސީން ކާމިޔާބުކޮށްފިއެވެ.
މިއީ މި މުބާރާތުގައި މަރަދޫ އެފްސީ ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ފުރަތަމަ މެޗުގައި އެޓީމު ވަނީ ފޭދޫ ސްޕޯޓްސްއާ ބައްދަލުކޮށް 1-0 އިން ބަލިވެފައެވެ. މިއީ ގްރޫޕް ބީ ގައި ހިމެނޭ މެދުވަލު އެފްސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 16 ވަނަ މިނެޓްގައި އަހުމަދު ތޮލާލް ވަނީ މަރަދޫ ޓީމަށް ލީޑު ނަގާދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން މުހައްމަދު މަމްނޫން ވަނީ މެދުވަލު އެފްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ މަރަދޫ އެފްސީންނެވެ. އެގޮތުން މެޗުގެ 41 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ވިޝާން ހަބީބެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އަހުމަދު ހާމީ ވަނީ މެދުވަލު އެފްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަކީ މަރަދޫ ޓީމުގެ ކީޕަރު އަތުން ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ދެވަނަ ހާފްގައި ލީޑު ނަގަން މަރަދޫ އެފްސީ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓްގައި މުހައްމަދު ރަފާހު (ޓޫޓޫ) ވަނީ މެދުވަލު އެފްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ހޯދާދީފައެވެ. ޓޫޓޫ މި ގޯލު ކާމިޔާބުކުރީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެދުވަލު އެފްސީގެ ޑިފެންޑަރު މުހައްމަދު ހާޒިމް ރިއްފަތެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ ބޭރުމަތި އާއި ޒެފިޔާއެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.